ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަކީ ގައުމަށް އެންމެ ބޮޑަށް ޣައްދާރުވާ އެކަކު ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް އެމްއެންޑީއެފްގެ ވެރިންނާއި މިނިސްޓަރު މާރިޔާ ވަނީ 241 ކޮމިޓީއަށް ވަޑައިގެން އެކަމުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާނެ ކަމަށެވެ. އަދި މިކަމަކީ ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް އޮތް ހުރަހެއް ކަމަށާއި، އިންޑިއާ ސިފައިން ބޭރުކުރުމަށް ހިންގާ މި ހަރަކާތަކީ ގައުމަށް ނުރައްކާވެދާނެ ހަރަކާތެއްގެ ގޮތުގައި ހުރިހާ ފަންތިއެއްގެ ސިފައިން ގަބޫލު އެއްބަސްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ މި ހަރަކާތް ހިންގުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް އެކަން އެހެން ކުރުން ހުއްޓުވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

މިކަމަށް އިޝާރާތްކުރައްވައި އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރު މާރިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ޓްވީޓްގައި އަދުރޭ ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިނަކީ ޚާއިނުންގެ ސަރުކާރަކުން، ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިނެއް ކަމަށެވެ. އަދި މާރިޔާއަކީ މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާކަމަށާއި، އެންމެބޮޑު އެއް ޣައްދާރުކަމަށް އަދުރޭ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި "އިންޑިއާ އައުޓް" ކިއުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނެއް އެކުލަވާލުމަށް ސަރުކާރުން ނިންމައި، އެކަން 241 ކޮމިޓީން ބަލަމުން ގެންދަން ފަށާފައިވާއިރު، މިކަމާއި ގުޅިގެން އަދުރޭ މީގެ ކުރިން ވެސް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ.

އެގޮތުން ސަރުކާރުން ދެން ހަދާނީ ދިވެހި ރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމަށް ކަނޑައަޅާ ގާނޫނު ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ގައުމާއި ރައްޔިތުންނަށް ކުޑަ ވެސް ލޯތްބެއް ހުރި ދިވެހި ދަރިޔަކު ނަމަ ޣައްދާރުންގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް ތެދުވާން ޖެހޭ ވަގުތު މި އޮތީ ޖެހިފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.