ނ. މިލަދޫގައި މަސައްކަތް ކުރަމުން ގެންދިޔަ ފުލުހެއްގެ ސައިކަލުގައި ރޭ އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ، މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމަށް މަސައްކަތް ކުރުމުން، އެ ފުލުހަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އެ ފުލުހުގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް، މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވާން ފަށާފަ އެވެ.

އެ ފުޓޭޖުން ދެ މީހަކު ސައިކަލު ރޯކޮށްލުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަ އިރު، އެކަން ކުރި މީހުން ތިބީ މޫނު ފޮރުވައިގެންނެވެ. އަދި ސައިކަލުގައި ރޯކޮށްލާފައި ވަނީ ސައިކަލު ގެއެއްގެ ގޯތިތެރޭގައި ޕާކުކޮށްފައި ހުއްޓަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.