ހަށިގަނޑުން އެއްވެސް ތަނެއް ފަޅާނުލައި، ހިތުގެ ވޭލެއް ފުރަތަމަ ފަހަރަށް އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި ބަދަލުކޮށްފި އެވެ.

މިއީ ރާއްޖޭގައި މިފަދަ ސާޖަރީއެއް ހެދި ފުރަތަމަ ފަހަރެވެ. މިއާ އެކު ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ވެސް މި އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ހެދި ތިން ވަނަ ގައުމެވެ.

ޓްރާންސް އަޔޯޓިކް ވޭލްވް އިމްޕްލާންޓޭޝަން ނުވަތަ ޓަވީއަކީ ހިތުގެ ވޭލެއް ތާށިވުމުން ފައިވަޅު ކައިރިން ހިތާ ހިސާބަށް ކެތެޓާއެއް ލައްވައިގެން ކުރާ ސާޖަރީއެކެވެ. މިއީ އާންމުކޮށް އުމުރުން ވަރަށް ބޮޑަށް ދުވަސްވުމުން ވޭލެއް ތާށިވާތީ ހަދާ ޕްރޮސީޖާ އެކެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައި ވަނީ 81 އަހަރުގެ ދިވެހި ފިރިހެނެއްގެ އެވެ. މި ޕްރޮސީޖާ ކުރިޔަށް ގެންދިޔައީ އޭނާގެ ހިތުގެ ވޭލެއް ރަނގަޅަށް މަަސައްކަތް ނުކުރާތީ އެވެ.

މި ޕްރޮސީޖާގައި ހިތުގެ ތެރެއަށް ޑިވައިސް ލެއްވީ ފައިވަޅުން ހޮޅިއެއް ލައްވައިގެން ހިތާއި ހަމަޔަށް ގެންގޮސްގެންނެވެ.

މި ބޮޑު ޕްރޮސީޖާ ހެދިއިރު ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ނުކުރެ އެވެ. އެހެންވެ ބައެއް ހަރަދުތަކަށް އެންސްޕާއިން ފައިސާ ދޫކޮށްފައިވެ އެވެ.

މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައިވަނީ އެއް ކާޑިއޮލޮޖިސްޓާއި އަދި ދެ ކާޑިއޯ ސާޖަނުންނެވެ. އޭގެ ތޭރޭގައި ރާއްޖޭގެ ކާޑިއޯ ތޮރަސިކް އެންޑް ވެސްކިއުލާ ސާޖަން ޑރ. މުހައްމަދު ޝާފިއު ހިމެނެ އެވެ.

އެ ސާޖަރީގައި އިސްކޮށް އުޅުއްވި ދިވެހި ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ އުމުރުން ދުވަސްވުމުން ވޭލް ތާށިވާ ކަމަށާއި އެގޮތަށް ތާށިވާ ވޭލް ވަރަށް އަވަހަށް ނަގަން ޖެހޭ ކަމަށެވެ.

"އުމުރުން މީހާ ދުވަސްވުމުން ވަރަށް ގިނަ ކޮމްޕްލިކޭޝަންސް ހުންނާނެ. މިސާލަކަށް ލިވާ ފެއިލްވެފައި ހުރެދާނެ. ސްޓްރޯކެއް ޖެހިފައި ހުރެދާނެ. ކިޑްނީ ބަލި ހުރެދާނެ. އެކަހަލަ ބައިވަރު ކަންތައް ހުރީމަ ސާޖަރީއަކަށް ގޮސްފިއްޔާ އެ މީހާ އަށް ސާޖިކަލް ސްޓްރެސްއާ ހެދި ބޮޑެތި އިތުރު މައްސަލަތަކެއް ދިމާވެދާނެ،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި މި ސާޖަރީއަކީ އުމުރުން 70 އަހަރުން މަތީގެ މީހުންގެ ހަދާ ސާޖަރީއެކެވެ.

"މި ފެއިލްވިޔަސް ވަގުތުން ސާޖަރީއަށް ދާން ޖެހޭނީ. އެހެންވީމަ ދުރު ރާސްތާއަކުން ކެތަޓާ ބޭނުންކޮށްގެން ހިތާ ދިމާލަށް ގޮސް ޑިވައިސް ލައްވައިފަ ޕޮޒިޝަންކޮށްފައި މި ދޫކޮށްލަނީ. ދޫކޮށްލީމަ ނައިިޓިންރޯލް ކިޔާ މެމޮރީ މެޓަލްއެއް ސެޓްކޮށްފައި މި އިންނަނީ ވަކި ޓެމްޕަރޭޗާއެއްގައި، އޭތި. މި ހުޅުވެނީ،" 2-3 ގަޑިއިރަށް ދެމިގެންދިޔަ އެ ސާޖަރީއާ ގުޅޭގޮތުން ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ އޯޕަން ހާޓް ސާޖަރީއެއް ކުރާ ނަމަ، ހަ ގަޑިއިރަށް ދެމިގެންދިޔަ ނަމަވެސް މި ސާޖަރީގައި މާގިނަ ވަގުތު ހޭދަ ނުވާ ކަމަށާއި އެކަމަކު ބޮޑު ބެކަޕެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އޯޕަން ހާޓް ސާޖަރީއެއް ހަދާ މީހަކު ގެއަށް ދޫކޮށްލެވެނީ ހަފްތާއެއްގެ ތެރޭގައި ނަމަވެސް މިފަދަ ސާޖަރިއެއް ހަދަ މީހަކު ދެ ދުވަހެއްގެ ތެރޭގައި ގެއަށް ދޫކޮށްލެވެ އެވެ.

"ވަކި ޝަރުތުތަކެއް ހުންނަ ނަމަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް މި ސާޖަރީ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ހިތުގެ ބަލިތަކަށް އޭޑީކޭގައި އެންމެ ޒަމާނީ ކެތު ލެބެއް ގާއިމުކޮށްފައިވާއިރު ރާއްޖޭގައި އެންމެ ފުރަތަމަ އޯޕަން ހާޓް ސާޖަރީ ކުރީ ވެސް އޭޑީކޭގައި 2018 ވަނަ އަހަރު އެވެ.