ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތަފާސް ހިސާބުތައް ހަފްތާއަކު އެއްފަހަރު ހާމަކުރުމަށް ނިންމައިފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޮވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބު މީގެ ފަހުން ހާމަކުރަނީ ހަފްތާއަކު އެއްފަހަރު ކަމަށެވެ. އެގޮތަށް ނިންމީ ކޮންމެ ދުވަހަކު އެ ތަފާސްހިސާބުތައް އާންމުކުރާއިރު ބަލި ޖެހުނު މީހާ ނިސްބަތްވާ ތަން ސާފުނުވާ ބައެއް ކޭސްތައް ހިމެނޭތީ ކަމަށް އެޗްއީއޯސީން ބުންޏެވެ. އަދި ކޮންމެ ހަފްތާއަކު އާއްމުކުރާ ޑޭޓާ މިހާރަށްވުރެ ސައްހަވެ، ހާލަތު މިހާރަށްވުރެ ރަނގަޅަށް ދައްކުވައިދޭނެކަމަށްވެސް އެ ސެންޓަރުން ބުނެ އެވެ.

މީގެފަހުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ހާމަކުރާ އެ ހަފުތާގެ މައުލޫމާތަކީ އޭގެ ކުރީ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އެއްކުރާ މައުލޫމާތުކަމަށްވެސް އެޗްއީއޯސީން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރަން ފެށި ފަހުން އެޗްޕީއޭއިން ދިޔައީ ކޮންމެ ރެއަކު ވެސް އެންމެފަހުގެ ތަފާސް ހިސާބުތައް އާއްމުކުރަމުންނެވެ.