ދެ ގައުމަކަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން ބަދަލުކުރެއްވުމަށް ނިންމަވައި އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ދެ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހަށް އިއްވަވާފަ އެވެ.

ރުހުން ހޯއްދެވުމަށް ރައީސް ހުށައަޅުއްވާފައިވަނީ، ބެލްޖިއަމަށާއި ޔޫރަޕިއަން ޔުނިއަންއަށް ކަނޑައަޅާ ސަފީރު ކަމަށް ހ. ހިކިފިނިފެންމާގެ އުމަރު އަބްދުއް ރައްޒާގު (މަންނި) އައްޔަން ކުރެއްވުމަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ކޮއްކޮގެ ދަރިކަލުން އުމަރު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމުގަ އެވެ.

މީގެ އިތުރުން ރުހުން ހޯދެއްވުމަށް ރައީސް ދެން ފޮނުއްވާފައިވަނީ ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް ގ. ފިޔާތޮށިގެ، ހަސަން ސޯބިރު އައްޔަން ކުރެއްވުމަށެވެ. ސޯބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގަ އެވެ.

ރައީސްގެ ސިޓީފުޅުގައި އެ ދެބޭފުޅުން އަނބުރާ ރާއްޖެ ގެންނަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމަކު ސަފީރުކަން އެހެން ގައުމަކަށް ބަދަލު ކުރައްވާ ސަބަބެއް ވިދާޅެއް ނުވެ އެވެ. އެ މައްސަލަ ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށް ފޮނުވައިފަ އެވެ.