ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓް ސަރަހައްދުގައި، ތާރު އަޅައިގެން ހެދި މަގުތަކުގެ މަސައްކަތް ނިންމައި، ރެއިން ފެށިގެން އާއްމުންނަށް ހުޅުވާލައިފި އެވެ.

އެ ސަރަހައްދުގެ މަގުތަކުގެ މަސައްކަތް އެޗްޑީސީން އިއްޔެގެ ވަގުތެއްގައި ނިންމާލުމަށްފަހު މަގުތައް ހުޅުވާލިއިރު، އެ މަގުތައް ހެދުން ލަސްވެ، އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޗްޑީސީން ވަނީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަހައްދުގެ މަގުތައް ހަދާ ނިންމާނެ ކަމަށް ބުނެފަ އެވެ.

އެޗްޑީސީން މިހާރު މަސައްކަތް ކުރަމުންދަނީ މިމަހުގެ ނިޔަލަށް ހިޔާ ފްލެޓް ސަރަހައްދުތަކުގައި މައިގަނޑު އަސާސީ ހިދުމަތްތައް ގާއިމުކުރުމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ކުރަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ.

އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެ ކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސޯޝަލް ހައުސިން ކޮމިއުނިޓީގައި މީހުން ދިރިއުޅެން ފެށުމާއެކު، އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް އެޗްޑީސީން މިހާރު ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި މިހާރު ވަނީ ވަގުތީ މިސްކިތެއް އަޅައި ފިހާރަތަކާއި ސެލޫނެއް ވެސް ހުޅުވާފަ އެވެ. އަދި އެމްޓީސީސީން މިހާރު ވަނީ ދެވަނަ ފިޔަވައްސަށް ވަނީ ބަހުގެ ހިދުމަތް ދޭން ފަށައިފަ އެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތް ވެސް ދޭން ފަށާފަ އެވެ.

ހިޔާ ސަރަހައްދުގައި މިހާރު ވަނީ ސްކޫލުތަކާއި ޕްރީ ސްކޫލުތަކާއި އިތުރު މިސްކިތްތަކާއި ޕާކެއް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.