މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް މިއަދު އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އާންމު ދަތުރުފަތުރާއި ހިނގާ މީހުންނަށް ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރޭގައި، ބޮޑުތަކުރުފާނުމަގު އިއްޒުއްދީންމަގާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އާމިނާރަނި ހިނގުމާ ހަމައަށާއި، ހިލާލީމަގު އާޒާދީ ހިނގުން ގުޅުނު ހިސާބުން ފެށިގެން ހިލާލީމަގު ބޮޑުތަކުރުފާނުމަގާ ހަމައަށް، އަދި މާފަތްކިލެގެފާނު ހިނގުން ބޮޑުތަކުރުފާނުމަގާ ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާ ހަމައަށާއި، ކުރެދިގޯޅި މިއަދު ބަންދުކުރާނެ ކަމަށެވެ.

އޭގެ އިތުރުން ވައިދެރި ހިނގުން ހުދުފަޅު ހިނގުން ގުޅުނު ހިސާބުން ފެށިގެން ވައިދެރި ހިނގުން ބޮޑުތަކުރުފާނުމަގާ ހަމައަށާއި، ހުދުފަޅު ގޯޅި ބޮޑުތަކުރުފާނުމަގާ ގުޅުނު ކަންމަތި ހިސާބު ވެސް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފފައިވެ އެވެ.

ފުލުހުން ބުނީ މި ސަރަހައްދުތައް، މިއަދު އިރުއޮއްސި 6:00 އިން ޖަލްސާ ނިމެންދެން އާންމު ދަތުރު ފަތުރަށާއި ފައިމަގުގައި އުޅޭ ފަރާތްތަކަށް ބަންދުކުރެވޭނެ ކަމަށެވެ.

ޖަލްސާ ބޭއްވުމަށް ޕާކިންއަށް ހުސްކުރެވޭ މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކުރިމަތި ޕާކިންޒޯން އާއި މާފަތްކިލެގެފާނު ހިނގުން ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާ ދެމެދު ޕާކިންޒޯންގެ އިތުރުން ކުރެދިގޯޅި ޕާކިންޒޯން ހިމެނޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުތައް، މިރޭ އޮންނަ ޖަލްސާ އަށާއި މާދަމާ ރޭ އޮންނަ މިއުޒިކް ޝޯއަށް ރޭގަނޑު 7:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ޕާކިންއަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން ދުރާލައި ތައްޔާރުވެ، ބަންދުކުރެވިފައިވާ މަގުތައް ނޫން އެހެން މަގުތައް އިހުތިޔާރުކޮށް ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.