ކަސްޓަމްސްގައި ހުރި 300،000 އަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި އެވެ.

އެ ތަކެއްޗަކީ ގާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ ތަކެތިކަން ފާހަގަަކޮށް ކަސްޓަމްސްއިން ބުނީ ސިނގިރޭޓްގެ އިތުރުން ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ރާއްޖެ އެތެރެ ކުރިން މަނާ ސިންގަލް ޔޫސް ޕްލާސްޓިކް އަދި ބަނގުރާ އެކުލެވޭ ބާވަތްތައް ނައްތާލާފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމްސް އިން ވަނީ 314،760 ސިނގިރޭޓާއި ބިޑި ނައްތާލާފަ އެވެ. އަަދި ކަސްޓަމްސްގައި ހުރި 8،038 ބަނގުރާފުޅި އާއި 1،103 ދަޅު ބިޔަރު ނައްތާލާފައިވާއިރު، ސިންގަލް ޔޫސް ޕްލާސްޓިކްގެ 19،968 އެއްޗެއް ކަސްޓަމްސްއިން ވަނީ ނައްތާލާފަ އެވެ.

އޭގެ އިިތުރުން 16 ކިލޯގެ ދުންފަތާއި، 540 ބަނގުރާ ހުސްކުރި ފުޅި، އަދި 10 ވޯކީޓޯކީ ސެޓް ވެސް ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނާއި، ބިދޭސީން އަތުން ގާނޫނާއި ހިލާފަށް ރާއްޖެ އެތެރެކުރާ ތަކެތި ފެންނައިރު، ކަސްޓަމްސްއިން ދަނީ އެތަކެތި އަތުލައި، ގާނޫނާ އެއްގޮތްވާ އުސޫލްތަކުގެ މަތިން އެ ތަކެތި ނައްތާލަމުންނެވެ.