މިއަހަރުގެ ރޯދަ އިނާޔަތް އަންނަ ހޯމަ ދުވަހު މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

މާލިއްޔަތާ ބެހޭ ސާކިއުލާގައި ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުވެސް ރޯދަ އެލަވަންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދޭންޖެހޭކަން ފާހަގަކޮށްފަ އެވެ. އަދި ދެ ވަޒީފާއެއް އަދާކުރާ މުއައްޒަފެއްނަމަ، އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނަކުން އެކަނިކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެ އިތުރުން މިނިސްޓްރީން ވަނީ، ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ ތެރެއިން ޕޭ ލީވް، އަދި ނޯޕޭލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭކަށް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ޗުއްޓީ ނިންމުމަށްފަހު ރޯދަ މަހު ނިކުންނަ މުއައްޒަފެއްނަމަ، އެ މުއައްޒަފަކު ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ޖެހޭ އަދަދު ބަލައި، އެލަވަންސްގެ ރުފިޔާ ދިނުމަށް އެމިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިސްޓްރީން ވަނީ، ދައުލަތުގެ އެކައުންޓިން ސްފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓުކުރަން ޖެހޭނެކަމަށްވެސް ބުނެފަ އެވެ.