މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 27 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހީންނާއި 10 ބިދޭސީންނެވެ. އޭގެތެރެއިން ތިން މީހަކު ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ. ބާކީ ތިބި އެންމެން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އެ ނަތީޖާ އައީ 1،256 ސާމްޕަލް ޓެސްޓް ކުރުމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 12،112 އެވެ. އޭގެ ތެރެއިން 11،244 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 820 އެވެ.

އެ ބަލީގައި ރާއްޖެއިން މިހާތަނަށް 41 މީހަކު މަރުވެފައިވެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށާއި، 25 ރިސޯޓުގައި މި ބަލި ޖެހިފައިވާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 55 ފަތުރުވެރިންނާއި 133 ރިސޯޓު މުވައްޒަފުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.