ރޯދަމަހާއި ދިމާކޮށް މުދާ ކްލިއާ ކުރުމުގެ އިންތިޒާމު ފަސޭހަކޮށް، ބޯޓުތަކުން މުދާ ހުސްކުރާ ވަގުތު އިތުރުކުރަން އެމްޕީއެލްއިން ނިންމައިިފި އެވެ.
ރޯދަމަހު މަސައްކަތްކުރަން ރާވާފައިވާ ގޮތާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވީ އެހެން މަސްތަކާ އަޅާ ބަލާއިރު ރޯދަމަހުގައި މުދާ އެތެރެކުރާ މިންވަރު ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. އެގޮތުން މި ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށް ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް އެ ކުންފުނިން އަމާޒުހިފާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ކުންފުނިން ހިންގާ އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރާނެ. އެގޮތުން ޕެރިޝަބަލް ބޯޓްތަކަށް ނުވަތަ ކާބޯތަކެތީގެ ޝިޕްމަންޓްތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ހާއްސަ އެރޭންޖްމަންޓްތަކެއް ހެދިފަ އޮންނާނެ،" އޭނާ ވިދާޅުވި އެވެ. "އޭގެ ތެރޭގަ ވަކިން ހާއްސަ ޓާސްކް ފޯސްއެއް ހެދިފަ އޮންނާނެ. ޕެރިޝަބަލް ކާގޯ ކްލިއަރިންގ ޕްރޮސެސް ކުރިއަށްދާ ގޮތް މޮނީޓަރކޮށް އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާނަމަ ވަގުތުން ވަގުތަށް ހައްލުކޮށްދީ އަވަސްކޮށް ދިނުމަށްޓަކައި ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ."
ޝާހިދު ވިދާޅުވީ ރޯދަމަހާ ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރާ މުދަލަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތިކަމަށާއި އެ މުދާ ބޭލުން އިތުރަށް އަވަސްވާނެ ގޮތަކަށް ރާވާފައިވާ ކަމަށެވެ. އެގޮތުން މުދާ ހިފައިގެން ބޯޓު ބަނދަރުކުރާ ވަގުތު، މުދާ އަންލޯޑްކުރުމަށް ލޮރީ ފަދަ ވެހިކަލްތައް މުދާ ހުސްކުރުމަށް ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްއިން ބުނީ ރޯދަމަހާ ގުޅިގެން އެ ކުންފުނިން ވަނީ މުދާ ހުސްކުރާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00އިން ފެށިގެން ދަންވަރު 1:30 އާ ހަމައަށް ބޯޓް ކްލިއާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ރޯދަމަހު އާއްމުކޮށް ރާއްޖެ ގެންނަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރު 1:30 ހަމައަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. މީގެ އިތުރުން ހުކުރު ދުވަހު ވެސް ޕެރިޝަބަލް ކާބޯތަކެތި ހިފައިގެން ބޯޓެއް އަތުވެއްޖެނަމަ ކްލިއާކުރުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އޭގެ އިތުރުން އެ ކުންފުނިން ދޭ އެހެނިހެން ހިދުމަތްތައް ވެސް އެ ވަގުތުތަކުގައި ކުރިއަށް ދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. މީގެ އިތުރުން، ބަނދަރުގައި ދެ ބޯޓެއް އޮތް އިރު، މި ހަފްތާގެ ތެރޭ އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.