ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކަން ގޮވާލާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޒާރެއް ދީފި އެވެ.

މި މަހު ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނެގުމަށް އެޗްޑީސީން އަންގާފައިވާއިރު، ގިނަ ބަޔަކު ވަނީ ރޯދަ މަހު ކުލި ނަގަން ފެށުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހިޔާ ފްލެޓްތަކުން ރޯދަ މަހު ކުލި ނަގަން ނުފަށައި ކުލި ފަސްކޮށްދިނުމަށް އެދި ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

އެކަމާ ގުޅިގެން އެ ކޯޕޮރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފްލެޓް ހަވާލު ކުރި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވުމަށް ގޮވާލާ ހިތްވަރުދޭ ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަމައެހެންމެ އެކަން ބަލައިދިނުމަށް އެދި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެކަން ފާހަގަކޮށް އެޗްޑީސީން ވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ވެސް ބުނެފަ އެވެ.

ސަރުކާރުން ފްލެޓްތައް ދޫކުރިއިރު ފިނިޝިން ނުނިންމަ ހުރުމުގެ ސަބަބުން ގިނަ ބަޔަކު ދަރަނި ނަގައި، އެ ދައްކަމުން ގެންދާކަން ގިނަ ބަޔަކު ފާހަގަކުރައްވާފައިވެ އެވެ.

ހަމައެހެންމެ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދީފައެއް ނެތްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނުނެގުމަށް އެދި ގޮވާލާފަ އެވެ.