ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓްގެ 22 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ބޮޑު ކްލަސްޓާއެއް ހެދިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކާގޯ ޑިޕާޓުމެންޓުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު ފަސް މީހަކު، 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު އަދި 15 ވަނަ ދުވަހު ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓް މިހާރު ބޮޑު ކްލަސްޓާއަކަށްވެފައިވާކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 27 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ކަރަންޓީންގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ މިއަދުވެސް އެއާޕޯޓުން 136 ސާމްޕަލެއް ކޯވިޑަށް ޓެސްޓްކުރުމަށް ނަގާފައިވާ ކަމަށެވެ.

މި ކްލަސްޓާ އާއި ގުޅިގެން މިއަދު 136 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.

މީގެެ ކުރިން އެއާޕޯޓުގައި މަސައްކަތްކުރާ ކުންފުންޏެއްގެ މުވަައްޒަފުންތަކެއްވެސް ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް 12،204 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.