ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތު ބަހުރުވައިން ގެނެސްދިނުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެގޮތަށް ނިންމީ އެންމެ ފަހު ބޭއްވި "ޕްރެކްޓިސް ޕާލަމަންޓް ފޯ ޔޫތު" ގައި އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނަކު އިޝާރާތު ބަހުރުވައިން މަޖިލީހުގެ ޖަލްސާތައް ގެނެސްދޭން އެދުމުން ކަމަށެވެ. އަދި މިއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމާއެކު ނިންމި ނިންމުމެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު ޖަލްސާގައި ދެކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނީ އިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެވެ. ފަޒްނީ އަކީ މިހާރު މަޖިލީހުގެ އިދާރާގެ މުވައްޒަފެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ހުރިހާ ޖަލްސާތަކެއްގައި ވެސް ކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނެ ކަމަށާ ކުރިއަށް އޮތްތާ ކޮމެޓީ ބައްދަލްވުންތައް ވެސް އިޝާރާތު ބަހުރުވައިން ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.