ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް މިއަދު 100 އިން މައްޗަށް އަރައިފި އެވެ.

ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް 50 އިން ދަށުގައި ހުންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހީންނާއި 79 ބިދޭސީންނެވެ.

މިއަދު ވަނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ވެސް އިތުރުވެފަ އެވެ. މާލެ ސަރަހައްދުން އެކަނި 86 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވީ 24 މީހެކެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،314 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 11،316 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 947 އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 44 މީހަކު ވަނީ މަރުވެފައިވެ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރޭގައި ރަށްފަޅު ހުރާ (ހަދަމުން އަންނަ ރިސޯޓެއް) އިން 21 ކޭސް، ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް އާއި ރަންވޭ ބޮޑު ކުރުމުގެ ޕްރޮޖެކްޓްގައި މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ އިން 22 ކޭސް، ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީ އިން 16 ކޭސް، އެމްއޭސީ އެލްކާގޯ ޑިޕާޓްމަންޓް އިން ފެނުނު 10 ކޭސް ހިމެނެ އެވެ.

ކޮވިޑް އަދަދުތައް ދަށްވާން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭ އިން ކޮންމެވެސް ވަރެއްގެ ލިޔެއް ވަނީ ދީފަ އެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑާ މެދު މިހާރު އާންމުން ދެކެނީ ލުއިކޮށް ކަމަށާއި އެހެން އެކަންވާނަމަ އަނެއްކާވެސް ހާލަތު ގޯސް ވެދާނެ ކަމަށެވެ. އަދި ހާލަތު ގޯސްވެއްޖެނަމަ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.