ސަރުކާރުން ފަށާފައިވާ "ޕޭ ހާމަނައިޒޭޝަން"ގެ މަސައްކަތް ނިމޭއިރު ލެކްޗަރާއިން ވެސް ހިމެނޭހެން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުވި ނަމަވެސް، ލެކްޗަރާއިންގެ މުސާރަ ބޮޑު ނުވާތީ، އެކަމުގެ ކަންބޮޑުވުން ލެކްޗަރާއިން ފާޅުކުރަމުން ގެންދާތީ އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒް ކުރުން ކަމަށެވެ. އަދި އެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތް ވެސް ކުރިޔަށްދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެއް ހަމަ ޕޭ ފްރޭމްވޯކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވާކަށް އަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި ޢިނާޔަތް ދެމުންދިޔަ ގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަމަށާ، ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ކުރީގައި އެއް މަގާމެއްގައި އެއް މަސައްކަތެއް ކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތައިލެވޭނެ ކަމަށާއި، އެގޮތުން މި މަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ ކަމަށާއި، އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފަ އެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވެސް ވަނީ ލެކްޗަރާ އިން އައު ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުގެންދާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަށް އަންނާނެ ކަމަށް ވިދާޅުވެފައިކަން ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. ހަމަ އެހެންމެ ޓީޗަރުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިޢުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެސް ވަނީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއާ އެނޫން ވެސް ދާއިރާތަކަށް އެބަދަލު އަންނާނެކަން ހާމަކުރައްވާފައިކަން ފިނޭންސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ދިރާސާ ކުރައްވަމުންގެންދަވާކަން އެ ބަޔާނުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިނނަމަވެސް، ލެކްޗަރާއިންގެ މުސާރައަށް ކުރިއެރުމެއް ނާންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ އެވެ. އެގޮތުން ލެކްޗަރާއިން ވަނީ މިއަދު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހިމޭން އިހްތިޖާޖެއް ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރުން މިމަހުން ފެށިގެން ގެނައި ބަދަލާއެކު ޓީޗަރުންގެ މުސާރަ އެވްރެޖުކޮށް 20،000 އަށް ވުރެ މަތިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައީސް ސޯލިހު މިމަހުގެ އެއްވަނަ ދުވަހު ގައުމާ މުޚާތަބުކުރައްވއި ވިދާޅުވީ، މުވައްޒަފުންކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.