މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑަށް ވެއްޓުނު މީހާއަށް މިޔަރު ހަމަލާ ދިނީ ޅ. މާފިލާފުއްޓާ ދިމާލު ބޭރުން ޅ. އަލިގާ ބޮއި ކައިރީގައި މަސްވެރިކަން ކުރަނިކޮށް، ކަނޑު ގަދަކަމުން އެ މީހާ މޫދަށް ވެއްޓުނު ވަގުތު ކަމަށެވެ.

ރާއްޖޭގައި ވަރަށް މަދުން ނޫނީ މިފަދަ ހާދިސާއެއް ދިމައެއް ނުވެ އެވެ.

"މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެ މީހާއަށް މިޔަރެއް ހަމަލާ ދިނުމުން އެކަން ދޯނިން ކޯސްޓްގާޑަށް އެންގުމުން، އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން ޅ. އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއެކު މިހާރު ދަނީ އެ ދޯނި ކައިރިއަށް ދަތުރުކުރަމުން. އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތުދޭ،" އެމްއެންޑީއެފް އިން ބުންޏެވެ.

ކަނޑަށް ވެއްޓުމުން މިޔަރު ހަމަލާދީފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެ ހަމަލާގެ ސަބަބުން ހާނީއްކަވެފައި ވަނީ އެ މީހާގެ ކަނާތު ފަޔަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ ސިފައިންގެ އުޅަނދަކާއި ޅ.އަތޮޅު ހޮސްޕިޓަލުގެ ޓީމަކުން އެ ދޯނި އޮތް ސަރަހައްދަށް ގޮސްފައިވެ އެވެ. އަދި ހާނީއްކަވީ މީހާ ވަނީ އިތުރު ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފްއިން ބުނީ މިޔަރު ހަމަލާދިން މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރު އެވެ.

މީގެ ކުރިން ވެސް، މަސްވެރިކަން ކުރަނިކޮށް މިޔަރު ހަމަލާ ދީގެން މީހުން ޒަހަމްވެފައި އެބަ ހުއްޓެވެ. އެގޮތުން، 2020ގައި ޅ. އަތޮޅުގައި މަސްވެރިކަން ކުރުމުގައި އުޅުނު މީހަކު ކަނޑަށް ވެއްޓުނު ގަޑީގައި މިޔަރެއް ދަތް އެޅުމުން އެ މީހާގެ ފަޔަށް ޒަހަމްވި އެވެ.