މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރިސޯޓަކުން މަސްތުވާތަކެތި އަތުލައިފި އެވެ.

އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އެ އޮޕަރޭޝަން ހިންގީ، އދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން އެ އޮޕަރޭޝަނުގައި އުމުރުން 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހެއް ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.

އެ އޮަޕަރޭޝަނުގައި އެ ރިސޯޓު ބަނދަރުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ސެލޯފިންކޮޅާއި، ބަނގުރާ ފުޅިއަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލަ މާމިގިިލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާނެކަމަށެވެ.