ސްޓޫޑެންޓް ލޯން 393 ދަރިވަރަކަށް ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 720 ފުރުސަތު ހުޅުވާލާފަ އެވެ. މި ލޯނު އެދި 1،000 ދަރިވަރުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯންގެ ވަގުތީ ނަތީޖާ އިއުލާންކޮށްދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނު ދެނީ ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ކިޔެވުމަށް ކަމަށެވެ. އެހެންކަމުން އެއް ދާއިރާއަކަށް ގިނަ ޖާގަ ހާއްސަކުރުމަކީ އިންސާފަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ހެދެން ހުރި ކޯސްތަކަށް ލޯންގެ ފުރުސަތު ނުދޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކަން މިހެން ހުރި ނަމަވެސް ރާއްޖެއަށް އެ ދާއިރާއަކުން މީހުން ބޭނުންވާ މިންވަރުގެ މުހިންމު ކަމަށް ބަލައި ޚާއްސަ އުސޫލެއްގެ ތެރެއިން ބައެއް ކޯސްތަކަށް ފުރުސަތު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކި ދާއިރާއަކުން އާދަޔާ ޚިލާފު ގިނަ ސްލޮޓް ދެވޭކަށް ނޯވޭ. އެއީ ލޯނަށް މި ލިބޭ ފައިސާއިން ރާއްޖޭގެ ހުރިހާ ވުޒާރާއަކަށް މީހުން ބިނާކުރަން ބޭނުންފުޅުވާ އެޖެންޑާ އަށް އެބަ އެޓެންޑުކުރަންޖެހޭ،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަދު ސްލޮޓްތަކަކަށް ގިނަ ދަރިވަރުން ކުރިމަތިލުމާއި ހުށަހެޅުންތައް ފުރިހަމަ ނުވާތީ މި ފަހަރު ވެސް ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައިވާ ކަމަށާއި އެހެން ނަމަވެސް އެހެން އަހަރުތަކާ ބަލާއިރު ޑިސްކޮލިފައިވި ކުދިންގެ އަދަދު މަދު ކަމަށެވެ. އެހެންނަމަވެސް މަތީ ތައުލީމްގެ ފުރުސަތު ނުލިބި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުރިއަށް ވުރެ އިންފޮމޭޝަން ސެޝަންތައް ބާއްވަން، އެޕްލައިކުރަންވާ ގޮތުގެ ތަފްސީލް ކިޔައިދެން، ދަރިވަރުން އެޕްލައިކުރާއިރު އާއްމުކޮށް ހަދާ މިސްޓޭކް ހިއްސާކުރަން. ވަކި މުއްދަތެެއްގެ ކުރިން ކުރިމަތިލިނަމަ އޭގައި ހުރި މިސްޓޭކްތައް ފާހަގަކޮށް ދަރިވަރުންނާ ހިއްސާ ވެސް ކުރަން. މި ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ޑިސްކޮލިފައިވާ ކުދިން ހުރީމަ ވަރަށް ބޮޑަށް މާޔޫސްވޭ،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އާއްމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔެވޭ ދާއިރާތަކުން ބޭރުން ކިޔަވަން ސަރުކާރުން ލޯނު ނުދިން ނަމަވެސް ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔަވަން ޖާގަތަކެއް ކަނޑައެޅި އެވެ. އެގޮތުން މަތީ ތައުލީމްގެ ލޯނުގައި ޕައިލެޓްކަން ކިޔަވަން ސަރުކާރުން ހާއްސަކުރި 10 ޖާގަ އަށް 250 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ކުރިމަތިލާފަ އެވެ. އަދި އެމްބީބީއެސް ކިޔަވަން ރިޒާވްކުރި 25 ޖާގައަށް 129 ދަރިވަރުން ވަނީ ކުރިމަތިލާފަ އެވެ. މީގެ އިތުރުން ޕީއެޗްޑީ ހަދަން ހާއްސަކުރި ފަސް ފުރުސަތަށް ވެސް 31 މީހުން ކުރިމަތިލާފައިވެ އެވެ.

ސަރުކާރުން މަތީ ތައުލީމް ހާސިލްކުރުމަށް ސްޓޫޑެން ލޯން ހަމަޖައްސަވައިދެއްވަމުން އަންނައިރު ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވެސް އަންނަނީ ފަހިކޮށްދެމުންނެވެ.

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ ކަމަށެވެ.