ބޮލީވުޑްގެ ތާރީހުގައި އުފެދުނު އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު އެއް ފިލްމު މޭސްތިރި، މަހޭޝް ބަޓް ދެން ދުވަހަކުވެސް ފިލްމެއް ޑައިރެކްޓް ނުކުރާނެކަން ރަސްމީކޮށް ކަށަވަރު ކޮށްދީފި އެވެ.
"ހިންދުސްތާން ޓައިމްސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އުމުރުން 77 އަހަރުގެ މަހޭޝް ވަނީ އޭނާގެ ޑައިރެކްޝަން ކެރިއަރު މިހާރު މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ.
އޭނާގެ ދިގު ކެރިއަރުގައި "އާތު"، "ސާރާންޝް"، "ޒަޚަމް" އަދި "ސަޑަކް" ފަދަ 47 އަށްވުރެ ގިނަ ފިލްމު ޑައިރެކްޓް ކޮށްފައިވެ އެވެ. 1999 ވަނަ އަހަރު ޑައިރެކްޝަނުން ރިޓަޔާވުމަށްފަހު، އޭނާ 2020 ވަނަ އަހަރު "ސަޑަކް 2" އިން ކުޑަ ދުވަސްކޮޅަކަށް އެނބުރި އައެވެ. ނަމަވެސް އެއީ ހަމައެކަނި އެއް ފަހަރުގެ ކަމެއް ކަމަށާއި، ދެން ކެމެރާގެ ފަހަތަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ޑައިރެކްޝަނާ ދުރަށްދާން ނިންމި މައިގަނޑު ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން މަހޭޝް ބަޓް ބުނީ، މިހާރުގެ ފިލްމީ ސިނާއަތް ބަދަލު ވެފައިވާ ގޮތުން އޭނާއަށް އޮތް ޝައުގުވެރިކަން ގެއްލިފައިވާ ކަމަށެވެ.
"އެއްޗެއް އުފެއްދުމުގެ ކުރިން، ބައެއްގެ ނުފޫޒުން ނުވަތަ ވަކި ޑިޒައިންތަކަކަށް ފިލްމުގެ ކޮންޓެންޓް (ވާހަކައާއި މަންޒަރުތައް) ކުރިން ނިންމާފައި އޮންނައިރު، އެތަނުގައި އާޓިސްޓެއްގެ (ފަންނާނެއްގެ) ދައުރަކީ ކޮބާ" މަހޭޝް ސުވާލުކުރި އެވެ.
އޭނާ ފާހަގަކުރި ގޮތުގައި މިހާރުގެ ފިލްމުތައް ބޮޑަށް ބިނާވަނީ "އަލްގޮރިދަމް" ތަކަށާއި، މާކެޓްގެ ޑިމާންޑްތަކަށް ފިޓްވާނެ ފަދަ ވަކި 'ޓެމްޕްލޭޓް' ތަކަކަށެވެ. މީގެ ސަބަބުން އަމިއްލަ މިނިވަންކަމާއެކު ވާހަކަ ބުނެދިނުމުގެ ފުރުސަތު ހަނިވެ އެވެ.
މިހާރުގެ ސިނަމާގެ ވައްޓަފާޅިއަށް ފާޑުކީ ނަމަވެސް، ހިންދީ ސިނަމާގެ މުސްތަގުބަލާ މެދު އޭނާ މާޔޫސެއް ނުވެ އެވެ. އޭނާ ބުނީ އިންސާނުންގެ ހިތްތަކާ ގުޅިފައިވާ އަސަރުގަދަ ވާހަކަތައް އަބަދުވެސް ކޮންމެވެސް ބަޔަކު ގެނެސްދޭނެ ކަމަށެވެ.
މަހޭޝް މިހާރު ބޮޑަށް ސަމާލުކަން ދެނީ ފިލްމު ޕްރޮޑިއުސް ކުރުމަށާއި، ޒުވާން އައު ތަރިންނާއި ޑައިރެކްޓަރުންނަށް މަގު ދައްކައިދީ މެންޓާ ކޮށްދިނުމަށެވެ.
އޭނާ މިހާރު އަންނަނީ 1986 ގެ މަޝްހޫރު ފިލްމު "ނާމް" ގެ ސީކުއަލް އެއް ކަމަށްވާ "ނާމް - ޓު ލިވް އިޒް ވޯ" ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
61 އަހަރުގައި އާމިރު ކުރި ކައިވެނީގެ ބައެއް ސިއްރުތައް!
އަލްޖީރިއާ ބަލިކޮށް ސްވިޓްޒަލެންޑް ދެވަނަ ބުރަށް
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟