މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. އުކުޅަސް އަދި މ. މުލިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި އއ. އުކުޅަހުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އއ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން އެ އޮޕަރޭޝަން ހިންގާފައިވާއިރު، އެ ލޯންޗުން ފޭބި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މުލީގައި ހިންގި އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ކ.މާފުށި ސްކޫލަށް މަސްތުވާތަކެތި ގެނެސް ވިޔަފާރިކުރާ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަވެސް މާފުށި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.