ފިހާރަތަކުން ވިޔަފާރިކުރާއިރު ދޭ ޕްލާސްޓިކު ކަތޮޅު ވިއްކުން ލާޒިމުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ބިލްގައިވާގޮތުން އެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގުކުރާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކު ކޮތަޅުން ކަސްޓަމަރުންގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

ފިހާރައިން ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ފައިސާގެ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ފައިސާގެ އަދަދު ހިމެނުން އެ ބިލްގައި ވަނީ ލާޒިމުކޮށްފަ އެވެ.

މީގެއިތުރުން ކޮތަޅު ހިލޭ ލިބޭނެ ފަސް ހާލަތެއް ވެސް އެ ބިލުގައިވެ އެވެ. ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރިއާއި ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ކޮތަޅާއި ފަންސާހަށްވުރެ ގިނަ ކޮތަޅު އެކުލެވޭ ކޮތަޅު ބޮނޑިއާއި ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅުން އަގު ގެނުން ލާޒިމް ނޫން ކަމަށް އެ ބިލްގައިވެއެވެ.

ކޮތަޅު ވިއްކައިގެން ކޮންމެ ކޮތަޅަކުން އެއްކުރާ ދެ ރުފިޔާއަކީ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއެވެ. ކަސްޓަމަރުން އަތުން ކޮތަޅު ވިއްކައިގެން ދެ ރުފިޔާ ނުނަގާ ވިޔަފާރިތައް 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް އެ ބިލްގައިވެއެވެ.

ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރުކުރަން ޤާނޫނަށް އަމަލުކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ޤަވާއިދެއް އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.