ފިލްމީތަރި އަދި މަޝްހޫރު މޮޑެލް ހުނައިޝާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

އެނގިފައިވާ ގޮތުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އެވެ.

ހުނޫގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލާގަ އެވެ.

އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ހުނޫއަކީ އިންސްޓްގްރާމްގަ އާއި ޓިކްޓޮކްގައި ވެސް މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އެކަނި އޭނާގެ 25،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެ އެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.

ހުނޫއަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އައި ފަންނާނެކެވެ.

ޓިކްޓޮކް އާއި ފިލްމީ ދާއިރާގައި މަޝްހޫރު ރާއްޖޭގެ ހަތަރު ވަރަކަށް ފަންނާނުންގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި މަސްތުވާތަކެތީގެ ދައުވާތައް ވަކިވަކިން އުފުލާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފަންނާނުންގެ ދައުވާތަކުގެ ޝަރީއަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.