މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް އެދުނު މީހުންގެ ތެރެއިން ފުރުޞަތު ލިބުނު މީހުން ހޮވުމަށް ބާއްވާ ގުރުއަތުނެގުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބުނު 453 ޖާގަ އެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާއްމުކޮށް ހުޅުވައިލައިގެން މީހުން ހޮވުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން މިހާރު ފޯމް ހުށައެޅުމަށް ހުޅުވާލާފައިވާއިރު މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް މި ސްލޮޓަށް 500 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ކިއުގައި ޖެހިފައިވާ މީހުންނަށް އެހެން އަހަރުތަކެކޭ އެއްގޮތަށް 69،965 ރުފިޔާއަށް ހައްޖަށް ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާ މީހުންގެ ދަތުރުގެ އަގަކީ 76،960 ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފަރުޟު ހައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15 އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެ އެވެ.

100 ކޯޓާގައި ހައްޖަށް ގެންދާ މީހުންގެ އަތުން އެހާ ބޮޑު އަގެއް ނަގަން ނިންމި ސަބަބެއް އެ ކުންފުނިން ހާމައެއް ނުބުނެ އެވެ.