ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ކުރި ޓުވީޓެއްގައި ބުނީ، ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔައީ ލަންކާގެ މަސްބޯޓެއް ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން އެ ބޯޓު ހިފަހައްޓާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ބޯޓު އަަތުލައިގަތް އިރު ބޯޯޓު އޮތީ މ. މުލީ އިރުން 76 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި އެމްއެންޑީއެފުން އެ މަސްބޯޓުގެ ހިފެހެއްޓި ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ "އަލަމޫ 2" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 5:19ގައި ކަމަށެވެ. އަދި އެ ބޯޓު އޮތް އޮތް ސަރަހައްދު ހޯދައި އަތުލައިގަތީ ރޭ ދަންވަރު 1:27 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން މިވަގުތު އެ ބޯޓު ދަތުރުކުރަމުންދަނީ ލ. ކައްދޫ އާާ ދިމާއަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރާ އުޅަނދުތައް މީގެ ކުރިންވެސް އަތުލައިގަނެފައިވެ އެވެ. ރާއްޖޭގެ ސަރަހައްދުން އެފަދައިން މަސްވެރިކަން ކުރާނަމަ އެބަޔަކަށް ޖޫރިމަނާ ދައްކަން ޖެހެ އެވެ.