ހެނދުނުގެ ނާސްތާ ކެއުމަކީ ދުވަސް ފެށުމަށްޓަކައި އެންމެ މުހިންމު ކެއުން ކަމުގައި ވީނަމަވެސް، ގިނަ މީހުންނަށް އޮފީހަށް ނުވަތަ މަސައްކަތަށް ދިއުމުގެ އަވަސް އަރުވާލުމުގެ ތެރޭގައި ހެނދުނުގެ ނާސްތާ ދޫކޮށްލަ އެވެ.
މި ގޮތަށް އާއްމުކޮށް ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ ހަށިގަނޑުގެ މުހިންމު ގުނަވަނެއް ކަމަށްވާ ގޯލްބްލެޑާގެ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުކޮށް، އެ ގުނަވަނުގައި ހިލަ އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް މާހިރުން އިންޒާރުދެ އެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ހެނދުނުގެ ނާސްތާ ނުކައި ގިނައިރު ވުމުން ގޯލްބްލެޑާގެ މަސައްކަތްތަކަށް ބުރޫއަރަ އެވެ. މިކަން ހިނގާގޮތް ވަނީ މަރުހަލާ ތަކަކަށް ބަލާލެވިފަ އެވެ.
- ބައިލް ރައްކާ ކުރުން: ގޯލްބްލެޑާއަކީ ފުރަމޭއިން އުފައްދާ 'ބައިލް' (ކާނާ ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް) ރައްކާ ކޮށްދޭ ގުނަވަނެކެވެ.
- ކާނާ ހަޖަމު ކުރުމަށް ގޯލްބްލެޑާ ފިތުން: ހަށިގަނޑަށް ކާނާ، ހާއްސަކޮށް ސަރުބީ އެކުލެވޭ ކާނާ ވާސިލުވުމުން ގޯލްބްލެޑާ ފިތި، އޭގައި ހުންނަ ބައިލް ގޮހޮރަށް ދޫކޮށްލަ އެވެ.
- ބައިލް ގަނޑުވުން: ހެނދުނުގެ ނާސްތާ ނުކައި ގިނައިރު "ރޯދައަށް" ހުރުމުން، ގޯލްބްލެޑާ ފިތުމަށް ލިބޭ ސިގްނަލް މަދުވެ އެވެ. މީގެ ސަބަބުން ބައިލް ދިޔަވަރު ބޭރުނުވެ ގިނައިރު ފިތުގައި ހުރުމުން އޭގެ އޮލަމިން ބޮޑުވެ، ކޮލެސްޓްރޯލް އެއްވެ ކުދި ކުނޑިތަކަކަށް ބަދަލުވެ އެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް މި ކުނޑިތައް ހަރުވެ، ގޯލް ސްޓޯންސްއަށް ބަދަލުވެ އެވެ.
ސަމާލުކަމަށް: އުމުރުން 20 އަހަރާއި 45 އަހަރާ ދެމެދުގެ އަންހެނުންނަށް ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ފިތުގެ ހަރަކާތްތައް ދެރަވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ނާސްތާ ދޫކޮށްލުމުން މިފަދަ ފަރާތްތަކަށް ހިލަ އުފެދުމުގެ ނުރައްކާ އިތުރަށް ބޮޑުވެ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ފިތުގެ ދުޅަހެޔޮކަން ދަމަހައްޓައި ހިލަ އުފެދުމުން ސަލާމަތްވުމަށްޓަކައި ކެއުމުގެ އާދަތަކަށް ބަދަލު ގެންނަންޖެހެ އެވެ:
- ރަނގަޅު ހެނދުނުގެ ނާސްތާއަކުން ދުވަސް ފެށުން: ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް، ލުއި ނަމަވެސް ނާސްތާއެއް ކުރުން މުހިއްމެވެ. މީގެ ސަބަބުން ފިތުގައި ހުންނަ ބައިލް ދިޔަވަރު ބޭރުވެ، އާ ދިޔަވަރު އުފެދުމަށް ފުރުސަތު ލިބެ އެވެ.
- މިންހަމަ ކެއުމެއް ހިޔާރު ކުރުން: ކާނާގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ހަށިގަނޑަށް ފައިދާހުރި ސަރުބީ ހިމަނަންވާނެ އެވެ. ކުޑަ ސަރުބީއެއް ކާނާގައި ހިމެނުމަކީ ގޯލްބްލެޑާ ހަރަކާތްތެރިވުމަށް ބާރުއަޅާ ކަމެކެވެ.
- ގަވާއިދުން ފެން ބުއިން: ބައިލް ދިޔަވަރުގެ ބޮޑު ބަޔަކީ ފެން ކަމަށް ވުމުން، ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމުން ބައިލް އޮލަވުމުން ސަލާމަތް ކޮށްދެ އެވެ.
- ރޭގަނޑުގެ ކެއުން ލުއިކުރުން: މާހިރުން ލަފާދޭ ގޮތުގައި ހެނދުނު ރަނގަޅު ނާސްތާއެއް ކުރުމަށްފަހު، މެންދުރު ހަމަހަމަ ކެއުމެއް އަދި ރޭގަނޑު ލުއި ކެއުމެއް ހިޔާރު ކުރުމަކީ ބަނޑާއި ހަޖަމުކުރާ ނިޒާމަށް އެންމެ ފައިދާހުރި ގޮތެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހެނދުނުގެ ނާސްތާ ދޫކޮށްލުމުގެ އާދަ ދޫކޮށްލާ، ދުޅަހެޔޮ ކާނާގެ ބާވަތްތަކަށް ސަމާލުކަން ދިނުން މުހިއްމެވެ.
61 އަހަރުގައި އާމިރު ކުރި ކައިވެނީގެ ބައެއް ސިއްރުތައް!
ކެނެޑާ ކަޓުވާލައި، މޮރޮކޯ ކުއާޓާ ފައިނަލަށް
ދެން ދުވަހަކު ވެސް ޑައިރެކްޓެއް ނުކުރާނަން: މަހޭޝް