ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި އުނދަލުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވެ 100 ބިިލިއަން ރުފިޔާއާ ގާތްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ދަރަނި އަދާކުރުމުގައި ބޮޑު ގޮންޖެހުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓޭ ކަމަށެވެ.

ބައެއް މީހުން ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ރައްޔިތުން ނުތަނަވަސްވާ ފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހުއްޓުމަކަށް އައިސް، މުޅި ޖީޑީޕީން 70 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ދައުލަތަށް ވަންނަން ޖެހޭ 35 ބިލިއަން ރުފިޔާ ނުލިބި ދިޔަ ކަމަށް ވިދާޅުވި އެވެ.

ކޮވިޑުން އަރައިގަނެވުނީ މާލީ އިދާރާތަކުގެ ލަފަޔާއެކު ލޯނު ނެގުމުން ކަމަށާއި އެ ލޯނުތަކުގެ އެހީގައި ވިޔަފާރިތަކަށް ފައިސާ ދިނުމުގެ އިތުރުން މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.