ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ވިލިމާލެއާ ހަމައަށް ގުޅުވާލުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އިންޑިއާގެ އެފްކޮންސްއަށް އިތުރަށް 26 މިލިއަން ޑޮލަރު ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖް ވިލިމާލެއާ ހަމައަށް ގުޅުވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމަން 26 މިލިއަން ޑޮލަރު އިތުރަށް ދޭން އެފްކޮންސް އިން ވަނީ އެދިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ސަރުކާރު އޮތީ އެ ކުންފުނިން އެދުނު ފައިސާ ދޭގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކިން އަވަސްކުރަން، އެކަމަކު ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން އެކަން ކުރާ ގޮތަކަށް ނޫން މިތިބީ، އަދިވެސް އިތުރަށް ނެގޯޝިއޭޓް ކުރަމުން މި ދަނީ، އެކަމަކު ވެސް ހަމަ އިތުރަށް ދޭކަށް ނުވިސްނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބްރިޖް މަޝްރޫއު ލަސްކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އެ މަސައްކަތަށް ނަގާފައިވާ ލޯނަށް ފައިސާ ދައްކަން ފަށަންޖެހޭނީ ފަސް އަހަރު ފަހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަޝްރޫއަކީ ރިޔާސީ އިންތިހާބު ބޯމަތިވާތީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް އެއީ އެފަދަ ބޭނުމެއްގައި ކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ބްރިޖް މަޝްރޫއުގެ ތެރޭގައި ގުޅީފަޅުގައި ގާއިމްކުރާ މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރުގެ މަސައްކަތް ވެސް ހިމެނެ އެވެ. އަދި މާލެ ސަރަހައްދުގެ ވިޔަފާރި މުދާތަކުގެ ގުދަންތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. އެކަމުގެ ސަބަބުން މުދާ އެތެރެކުރުމާއި ގުދަން ކުރުމުގެ އަގު ތިރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.