ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް ދަށަށް ދާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،728 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 35 މީހުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 28 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ތިން މީހަކާއި ހިންގަމުންދާ ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑަށް އިއްޔެ ރާއްޖެއިން 44 މީހަކު ޕޮޒިޓިވްވިއިރު، އަންގާރަ ދުވަހު 52 މީހުން އަދި ހޯމަ ދުވަހު 150 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއިން 237،737 ސާމްޕަލް ނަގާފައިވެ އެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އަދަދު ވަނީ 12،889 އަށް އަރައިފަ އެވެ. މީގެ ތެރެއިން 11،717 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް ބަލިޖެހިފައިވާ 1،119 މީހުން އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ.

މި ބަލީގައި ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ އަދަދު 95 އަށް އެރިއިރު، 46 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.