މާލެއިން ރަށްރަށްދާ މީހުން ހޯމް ކަރަންޓީނަށް ކަނޑައަޅާފައިވާ 14 ދުވަހުގެ މުއްދަތު ކުރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެޗްއީއޯސީ ން ބުނެފި އެވެ.

ބައެއް ގައުމުތަކުން ކަރަންޓީން މުއްދަތަށް ލުއިތަކެއް ދޭތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގައި ފުރަބަންދު ކަރަންޓީނުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ދުވަހަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ލިބެންހުރި ވަޞީލަތްތަކާއި ކެޕޭސިޓީއަށް ބަލާނަމަ، ވަރަށް އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ލޮކްޑައުން ކަރަންޓީނުން ނަތީޖާ ހާސިލުވާ މިންވަރާމެދު ހޯދިފައިވާ ހޯދުންތަކުގެ ބައެއް ތަފުސީލްތައް ވެސް އޭނާ ދެއްވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފަސް ދުވަހަށް ކަރަންޓީންކޮށްފިނަމަ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ދެނެގަނެވޭނީ އެންމެ 55 އިންސައްތަ މީހުން ކަމަށެވެ. އޭގެ މާނައަކީ 100 މީހުން ޕޮޒިޓިވްވާއިރު، އޭގެތެރެއިން 45 މީހުން ނޭންގި ދޫވެގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަތް ދުވަހުން ދޫކޮށްލާނަމަ 80 ޕަސެންޓް މީހުން ދެނެގަނެވޭނެ ކަމަށާއި 11 ދުވަހުން ދޫކޮށްލުމުން 97 އިންސައްތަ މީހުން ދެނެގަނެވޭނެ ކަމާށާއި، އޭރުން 100 އިން ދޫވެގެންދާނީ ތިން މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރާ 14 ދުވަސްފަހުން ދޫކޮށްލުމުން 99 އިންސައްތަ ކަވަރުކުރެވޭ ކަމަށެވެ. އޭރުން ކޮންމެ 100 އަކުން ނޭންގި ދޫވުމުގެ ފުރުޞަތު އޮންނާނީ އެންމެ މީހެއްކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ކޮވިޑް އެންމެ ކާމިޔާބުކަމާއެކު ކޮންްޓްރޯލްކޮށްފައިވާ ގައުމުތަކުގައި ވެސް ޕްރެކްޓިސްކޮށްފައިވަނީ ފުރަބަންދަށް 14 ދުވަސް ކަނޑައެޅުމުގެ މޮޑެލް ކަމަށެވެ.

"އެހެންވީމަ އަސްލު ބަލާބެލުމަށް 14 ދުވަހަކީ ވަރަށް ފުރިހަމަ މުއްދަތެއް. އެއީ އަޅުގަނޑުމެން މިހާތަނަށްވެސް އެންމެ ރަނގަޅަށް މި ބަލި ކޮންޓްރޯލްކޮށްފައިވާ ޗައިނާ، ނިއުޒިލޭންޑް، އޮސްޓްރޭލިއާ، ކޮރެއާ، ސިންގަޕޫރު، މެލޭޝިއާ މި ހުރިހާ ތަނެއްގައިވެސް 14 ދުވަސް މި ބަލަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުން ލޮކްޑައުން ފިޔަވަޅުތަކަށާއި ކަރަންޓީނުގެ މުއްދަތައް ބަދަލުތައް ގެންނަމުންދަނީ ބަލި ކޮންޓްރޯލުކުރުމުގައި އެ ގައުމެއްގައި ހުރި ކެޕޭސިޓީއަކަށް ރިއާޔަތްކުރުމަށްފަހު ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކާއެކު ކަމަށެވެ. ނަމަވެސް ރާއްޖެއަށް ވަކި މިންގަނޑެއްނެތި ދޫ ދޭންވެއްޖެނަމަ، ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ނިޒާމަށް ބުރުއަރާ، ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން އެބަ ބުނޭ ފުރަބަންދު މުއްދަތު ކުޑަކުރާށޭ. އޭގެ މާނައަކީ މިސާލަކަށް 7 ދުވަހަށް ކުޑަކުރީމަ 100 އަކުން 20 މީހުން ގެއްލިގެންދާނެއޭ. އޭރުން އެކަކުގެ ފަރާތުން 3 މީހުންނަށް، މިގޮތަށް ތިން ގުނަ ތިން ގުނަ ވަމުންގޮސް އަޅުގަނޑުމެންނަށް އެނގޭއިރު މުޅި ރަށުގައި އައުޓްބްރޭކްތަކެއް ފެތުރިގެންދާނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަތޮޅުތަކުގެ ސިއްހީ ނިޒާމު ހުރި ހާލަތަށް ބަލަން އެބަޖެހޭ. މިގޮތަށް އައުޓް ބްރޭކެއް ޑިޓެކްޓްނުވެ ދާއިރު ރަނގަޅު ފަރުވާއެއްދެވޭނެ ފެންވަރެއްނެތް އަތޮޅުތަކުގައެއް."

ރާއްޖެ އަންނަ ޓޫރިސްޓުން ކަރަންޓީން ވާން ނުޖެހޭއިރު ދިވެހިން ކަރަންޓީނު ވާންޖެހެނީ ކީއްވެތޯ ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތުން ފާޅުކުރާ ޝޫޢުރުތަކަށް ރައްދުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ޓޫރިސްޓުންނަކީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު އަންނަ ބަަޔަކަށްވުމުން އެމީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ރިސޯޓުތަކާއި ރަށްތަކުގައި ވެސް ވަރަށް ކުޑަކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ދިވެހިންގެ ފުށުން ބަލި ފެތުރޭ މިންވަރު އިތުރު ކަމަށާއި، ދިވެހިންގެ ކޮންޓެކްޓް ބަބުލް ނުވަތަ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ފާހަގަކުރެވޭކަމަށް ތަފާސް ހިސާބުތަކުން ވެސް ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.