މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާމަންގެ މަގާމަށް މަޝްހޫރު ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އާއި އިބްރާހިމް ރަޝީދު މޫސާ (ބުރޯ) ކުރިމަތިލައިފި އެވެ.

އެމްއެފްއޭގެ އާންމު އިންތިހާބަށް ހުޅުވާލިއިރު 2020 ވަނަ އަހަރު ފެށުނުއިރު އެންމެ ފަހުން އޮތް އެމްއެފްއޭގެ ބޯޑްގެ މުއްދަތު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެމްއެފްއޭގެ ހިންގާކޮމެޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ.

އެމްއެފްއޭގެ އިންތިހާބާ ބެހޭ އިންތިގާލީ ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ސައީދު ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާފައިވަނީ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އަދި ޝިވާޒް އަބްދުﷲ (މާސްކޭ) ކަމަށެވެ. އަދި ވައި ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާފައިވަނީ އެކްޓަރެސް އާމިރާ އިސްމާއީލް އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ކަމަށްވެސް ސައީދު ބުންޏެވެ.

ސައީދު އިތުރަށް ބުނީ މިއިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓް ކަމުގެ ސައްހަކަން ބެލުމަށްފަހު ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުން މިމަހުގެ 14 ވަނަ ދުވަހު އޮންނާނެ ކަމަށެވެ،

އެމްއެފްއޭ އިންތިހާބަށް އިއުލާނުކުރި ހިސާބުން، އެމްއެފްއޭގެ ވައިބަރ ގްރޫޕްގައި ކެންޑިޑޭޓުންގެ ކެމްޕޭން ފޯރި ގަދަވެފަ އެވެ. މިއިންތިހާބު އޮންނާނީ އޮގަސްޓް މަހުގަ އެވެ.

އަބުދުﷲ މުއާޒު (މުއާ) އާއި އާމިރާ އިސްމާއީލް

އެމްއެފްއޭގެ ހިންގާ ކޮމެޓީ އިންތިހާބުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށް އެކުލަވައިލި ބޯޑްގެ ޗެއާޕާސަނަކީ މުޙައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަނަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަޙްމަދު ސަޢީދު އެވެ. މީގެ އިތުރުން އިންތިޚާބު ކޮމެޓީގައި ދެން ހިމެނެނީ އެކްޓްރެސް ޝީލާ ނަޖީބު އަދި ނިޝާން އެވެ.

އެމްއެފްއޭ ހިންގާ ކޮމެޓީގެ ދައުރު ހަމަވެފައިވާއިރު، ނިމިގެން ދިޔަ ދައުރު އެމްއެފްއޭގެ ޗެއަޕާސަނަކަށް ހުރީ ޝިވާޒް (މާސްކޭ) ކަން ފާހަގަކޮށްލެވެ އެވެ.