މި ޖުލައިމަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއްް ލިބިފައިވަނީ ދަނޑުވެރިންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތީރިޓީން އެންޑީއެމްއޭއިން ހާމަކޮށްފި އެވެ.

އެ އޮތޯރިޓީން ބުނީ ބޯކޮށްވާރޭވެހުމާއި އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކުރެވެނީ ދަނޑުވެރިންނަށްކަމަށެވެ. އެގޮތުން މިހާތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން 4 ރަށަކުން، 110 ގޭ ބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާކަމަށް އެން.ޑީ.އެމް.އޭއިން ހާމަކޮށްފައި ވެ އެވެ. މިއީ ޖުމްލަ ލިބުނު އެސެސްމެންޓް ފޯމުތަކުގެ %46 އެވެ.

ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އާމްދަނީ ހޯދުމަށް ހައްދާ ބާވަތްތައްކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބުގަސް މަރުވެގެން ރިޕޯޓުކޮށްފައިވެ އެވެ. ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވާފައިވަނީ ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ، ގދ. ފިޔޯރީ އަދި ތ. ތިމަރަފުށިންނެވެ.

އެންޑީއެމްއޭއިން ބުނީ ޖުލައި 23 ވަނަ ދުވަހާއި ހަމައަށް 9 ރަށަކުން 261 ޑެމޭޖް އެސެސްމެންޓް ރިޕޯޓް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރޭގައި ނިސްބަތުން ގިނައިން ދެކުނު ރަށްތަކެވެ. އަދި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ ގދ. ހޯނޑެއްދޫއިންނެވެ.

އެން.ޑީ.އެމް.އޭއަށް މިހާތަނަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު 9 ރަށެއްގެ 96 ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެ އެވެ.