އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އާއި ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގެ ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމަށް ހިންގާ "ޕްލޭގްރައުންޑް އިކުއިޕްމަންޓް އިނިޝިއޭޓިވް" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށު އަދި ސިޓީ ކައުންސިލްތަކަށް ހުޅުވާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން އޮސްޓްރޭލިއާގެ އާންމު މައިދާންތަކުގައި ހުންނަ ފެންވަރު ރަނގަޅު ކުޑަކުދިންގެ ކުޅޭ ސާމާނު ރާއްޖެއަށް ގެނެސް، ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުމަށް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅިގެން އޭއެމްއެފްއޭ އިން ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އީމެއިލް މެދުވެރިކޮށް، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު (އީއޯއައި) ހުޅުވާލާފަ އެވެ.

https://web.facebook.com/share/p/1BYwxut4tT/

މި ކަމުގައި ބައިވެރިވާން އެދޭ ކައުންސިލްތަކުން، އެ ތަކެތި ރަށަށް އުފުލުމާއި، ރޭވުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ފަދަ ތައްޔާރީތައް ވެފައިވާކަން ހާމަކޮށް އީއޯއައި ހުށަހަޅަންޖެހެ އެވެ. އެގޮތުން މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

އޭއެމްއެފްއޭ އިން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި، ހިތްފަސޭހަ އަދި ދެމެހެއްޓެނިވި މުނިފޫހިފިލުވުމުގެ މައިދާންތަކެއް ބިނާކޮށްދިނުމެވެ.