ކޮޅުވެއްޓިއެއްގެ ރޭމްޕުން ޖެހި، ރ. ހުޅުދުއްފާރު ބަނދަރު ކައިރި ހަދާފައިވާ ޕެޓްރޯލް ޝެޑަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކޮޅުވެއްޓިއެއް ފަޅުގައި އަޅަން އުޅުމުގެ ތެރޭގައި ރޭމްޕުން ޖެހި، ބަނދަރު ކައިރީގައި ހަދާފައިވާ ހޯކްސް ޕެޓްރޯލް ޝެޑަށް ގެއްލުން ލިބުނީ މިއަދު 11 ޖަހާއިރު ކަމަށް މައުލޫމާތުލިބެ އެވެ.

ހުޅުދުއްފާރު ބަނދަރު ކައިރީގައި ހަދާފައިވާ ޝެޑަކީ މީގެ ހަތަރު މަސް ކުރިން ހިދުމަތް ދޭން ފެށި ތަނެކެވެ.

ނަމަވެސް މި ހާދިސާގައި އެ ޝެޑް އިތުރަށް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް ވިދާޅުވީ، އެ ހާދިސާ ހިނގީ ވައިބާރުވެ، މޫސުން ގޯސްވެފައިވާ ވަގުތެއްގައި ފަޅުގައި ކޮޅުވެއްޓި އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެއީ އެރަށު މަގު ހެދުމުގެ މަސައްކަތަށް ރުއްތައް ނަގަން ބޭނުންކުރާ އެކްސަވޭޓަރެއް ހިފައިގެން ދިޔަ ކޮޅުވެއްޓިއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމަށް މައުލޫމާތު ލިބިފައެއް ނުވެ އެވެ.