ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން ނެގި 1،718 ސާމްޕަލް އިން މިއަދު 38 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 34 މީހެކެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހަކާއި ރިސޯޓަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި 89 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި ބައްޔަށް 13،049 މީހުން ޕޮޒިޓިވްވިއިރު 11،968 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު އަދިވެސް އެކްޓިވް ކޭސްގެ ގޮތުގައި 1،027 މީހުން އެބަތިއްބެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ރާއްޖެއިން 246،233 ސާމްޕަލް ނަގާފައިވެ އެވެ.

މި ބަލީ މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.