އެންމެ ފުރަތަމަ ސަރުކާރުން ކުރަންވީ ކަމަކީ، ރައްޔިތުންނަށް ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުން ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ މާލޭގައި ރޭ ވަރަށް އަނިޔާވެރިކޮށް ފުވައްމުލަކު މާދަޑު އަވަށު، ކުރި، ޝިއާއު ސައީދުގެ މަރާލި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ސްކޭޓަރެއް ކަމުގައިވާ އަލީ ޝަހީލް އެވެ. މައުލޫމާތު ލިބޭގޮތުގައި އެ މައްސަލައިގައި އަންހެން ކުއްޖާގެ ބޯ ބުރިކުރުމުގެ އިތުރުން އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާއަށް ވާއިރު، ނާޒިމް ވަނީ މައްޔިތާއަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާކޮށްފަ އެވެ.

ހަމައެހެންމެ ގައުމުގެ ހާލަތު ގޯސްވަމުންދާކަން ފާހަގަކޮށް ނާޒިމް ވަނީ އެންމެ ފުރަތަމަ ސަރުކާރާއި، މުޅި ދައުލަތުން ކޮށްދޭންވީ ކަމަކީ ރައްޔިތުންނަށް ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ވިދާޅުވެފަ އެވެ.

ނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް މައުލޫމާތު ލިބެ އެވެ.