މި ސަރަހައްދުން އެންމެ ބާރަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި މި އަހަރު ރާއްޖެ ވެސް ހިމެނިއްޖެ އެވެ.
މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި، މިދިޔަ މަހުގެ ކުރީކޮޅު އަލުން ފެންނަން ފެށި ފަހުން ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 72 އަށް އަރާފަ އެވެ. މިއީ ބަލި ނައްތާލި ފަހުން މިހާ ގިނަ އަދަދަކަށް ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ.
މި ސަރަހައްދުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝް އަދި އިންޑިއާއަށް ފަހު ތިންވަނައަށް އެންމެ ގިނައިން ހިމަބިހި ފެތުރެނީ ރާއްޖޭގަ އެވެ. މި ފަހަރު މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ރާއްޖޭން ބޭރުން އައި ބައެއްގެ ގައިން ކަމަށް ވާއިރު، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ރާއްޖެއަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން ވެކްސިން ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށާއި، ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.
ބަލި އަލުން ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވެ ހުރުމެވެ. ހާއްސަކޮށް އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަނުކޮށް ތިބިއިރު، މިހާތަނަށް ފެނުނު ކޭސްތަކުގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ހިމެނެނީ މުޅިން ވެސް އެ އުމުރުފުރާގެ ޒުވާނުންނެވެ. އެހެންކަމުން، އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ އެންމެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ޑޮކްޓަރުން ވަނީ ބާރުއަޅުއްވާފަ އެވެ.
ހިމަބިއްސަކީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުންނާއި، ވައިރަސް ހުރި ތަންތަނުގައި އަތްލުމަށްފަހު ލޮލާއި ނޭފަތް ނުވަތަ އަނގައަށް އަތްލުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވެކްސިން ދޭން ފަށާފައި ވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސަމާލުވުމަށް ހާއްސަ އިރުޝާދުތަކެއް ނެރެފަ އެވެ. އެގޮތުން ހުން އައިސް ގައިގައި ބިހި ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، އަލާމާތްތައް ހުންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް
ރަސްގެފާނު ކަނޑު ފެއްތުމަށްހަފު ޖަހައިގަތް ވެރިކަން