އިންޑިއާއިން ހިލަ ހިފައިގެން ވ. ރަކީދު އަށް ދަތުރުކުރަނިކޮށް، އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

މިދިޔަ މެއި މަހު އެކެއްގައި، އޭއެމް އާގަމް ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރީ، މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ބާޖު ދަތުރުކުރީ އޭއެމް އަލްޕެޓް ކިޔާ ޓަގު ބޯޓަކާ ވެސް އެކުގަ އެވެ.

އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 100,000,000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ އެ ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ އެވެ.

ޖޫރިމަނާ އަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީ އަށް ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް މިއަދު އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

"މި ބާޖު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީ އާއި އެ އުޅަނދުގެ ވެރިފަރާތުން ގުޅިގެން އެ ސަރަހައްދު ބަލައި، ޖޮއިންޓް-ސާވޭއެއް ކުރެވިފައިވެ އެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" އެ އިއުލާނުގައި ބުންޏެވެ.

އީޕީއޭ އިން ބުނީ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 152,569,800ރ. ކަމަށެވެ. ނަމަވެސް، ގަވާއިދުގައި އޮންނަ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ އެ އަދަދު އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހާއި އެކުގައި ފެށިފައިވާ ކަމަށް ވެސް ބުންޏެވެ.