ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރައްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށްފަހުގައި ކަމަށާއި އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ފެށުނީ ޚުދުމުޚުތާރު ވެރިކަމެއް ކަމަށެވެ.
މާލޭގައި ކޯވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް ރައީސް ސޯލިހު ވަނީ އިއްޔެ ތިން މަޝްރޫޢެއް އިފްތިތާހުކުރުމަށް ލ. އަތޮޅު ގަމަށް ވަޑައިގެންފަ އެވެ.
އެމަނިކުފާނުގެ އަރިހުގައި ބޮޑު ޓީމެއް ވެސް ވަޑައިގެންނެވި އެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރައީސް ސޯލިހު ކުރައްވާ ކެމްޕެއިންއެއްގެ ގޮތުގައި ޖަމީލް ސިފަކުރައްވަ އެވެ. އަދި އިދިކޮޅު ފަރާތްތައް މާލޭގައި ބަންދުކޮށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުގައި ގައިދުކޮށް ރައީސް ސޯލިހު ކެމްޕެއިން ކުރެއްވުމަކީ އިންސާފު ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލައްވާ. ދަތުރުކޮށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅަށް ވެސް އޮންނަން ޖެހޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ހަރަކާތް ހިންގަވަން އުޅުއްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށްފަހު. ޚުދުމުހުތާރު ވެރިކަން މިފެށުނީ،" ޑރ. ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ލ. އަތޮޅަށް ވަޑައިގެންނެވުމުގެ ކުރިން ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް މާލެއިން ބޮޑު ޓީމަކާއެކު ރައީސް ސާލިހު ހޯރަފުށްޓަށް ވެސް ވަޑައިގެންނެވި އެވެ. އަދި އެޓީމުގައި ހިމެނުނު މީހުން ހޯރަފުށީ ރައްޔިތުންނާ މަސްހުނިވެ، އެއްވެސް ގައިދުރުކަމެއްނެތި ޙަރަކާތްތެރިވި ކަން ފޮޓޯތަކުން ވެސް ފެނެ އެވެ. މިކަމާ ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. ނަމަވެސް ޚާއްސަ ހުއްދައިގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ ބޭފުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންދާކަން ފާހަގަކުރެވެ އެވެ.
ޑރ. ޖަމީލް ވިދާޅުވަނީ އެ ފުރުސަތު އިދިކޮޅަށް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. ކޮވިޑް 19ގެ ނުރައްކާތެރިކަން ފެތުރެނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން ކޮށްލާ ކަމަކުން ނޫން ކަމަށާއި ސަރުކާރުން ކެމްޕެއިން ކުރާނަމަ ހަމަހަމަ ފުރުސަތު އިދިކޮޅަށް ވެސް ލިބެން ޖެހޭނެ ކަމަށެެވެ.
ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތްކަމަށް ބުނެ އިދިކޮޅުން ކޯޓަށް މައްސަލަ ހުށައަޅަން އުޅޭ ކަމަށް ދާދި ފަހުން އެކޯލިޝަނުންވަނީ ހާމަކޮށްފަ އެވެ.
\ލޯކަލް ކައުންސިލްގެ އިންތިޚާބު އަންނަ މާޗްމަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާިއރު، ސަރުކާރުން އަތޮޅުތަކަށް ކުރާ ދަތުރުތައް ވަނީ މިދުވަސްކޮޅު ވަރަށް ބޮޑަށް އިތުރުވެފަ އެވެ.