ދައުލަތުގެ ތިން ވަޒީރަކު ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވައިފި އެވެ.
ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ހޯމް މިނިސްޓަރު އިމްރާނަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސެވެ. އިމްރާން ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު، ބަރުލަމާނި ނިޒާމެއް ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަރުލަމާނީ ނިޒާމް އެކަށީގެންނުވާ ކަމަށެވެ. ސަބަކަކީ އެ ނިޒާމު ގެނެސްފިނަމަ ވިޔަފާރިވެރިންގެ ފައިސާގެ ބޭނުންކޮށްގެން އިރުއިރުކޮޅާ ވެރިކަން ބަދަލުކުރުމުގެ ސަގާފަތެއް އަށަގެންފާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އޭނާ ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް ކަމަށެވެ. އަދި ގާނޫނު ހެދުމުގެބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރާކަން ހާމަކުރައްވާފަ އެވެ. އަދި ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.