ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލި ސޯލިހަށް ވަޅިން ހަމަލާދިން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަލީ ސޯލިހަށް ހަމަލާދީފައި ވަނީ ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާގެ ފިހާރަ ކުރިމަތިންނެވެ. އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި އޭނާ ހަމަލާދޭން މަސައްކަތް ކުރީ އަލީ ސޯލިހުގެ ކަރަށެވެ. އަދި އަލީ ސޯލިހުގެ ހުށިޔާރުކަމުން ސަލާމަތްވެގެން ދުވެފައިދާތަން ވީޑިއޯ އިން ފެނެ އެވެ.

އޭނާ އަކީ މިދިޔަ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޖީދީމަގުގައި ތިބި ދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހެއް ކަމަށް މަންޒަރު ދުށް ބައެއް ނޫސްވެރިން ވަނީ ބުނެފަ އެވެ. އެވަގުތަކީ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ދިރިއުޅުއްވާ ގެއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން އުޅުއްވި ވަގުތެވެ. އެވަގުތު ބައެއް ނޫސްވެރިން ވެސް އެ ސަރަހައްދުގައި ތިއްބެވެ.

އޭނާ ދެ ފުލުހަކަށް މަރުގެ އިންޒާރުދިން އަޑު ނޫސްވެރިންނަށް ވެސް ވަނީ އިވިފަ އެވެ. އޭނާ ބުނެފައި ވަނީ ފުލުހުން އޭނާގެ ގައިގައި އަތްލައިފިނަމަ މަރާލާނެ ކަމަށެވެ.

އޭނާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅި މީހާ އެވެ. ފަހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.