އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް 120 މިލިޔަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފި އެވެ.

އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ހުރިހާ"އަށް މިއަދު ވިދާޅުވީ އިންތިހާބުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އެހެން އިދަރާތަކާއި މަޝްވަރާކޮށް ބަޖެޓް ފައިނަލް ކުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ރަސްމީ ގަޑި ނިމުމުގެ ކުރިން އިންތިހާބުގެ ބަޖެޓް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ. އަޅުގަނޑުމެން 120 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ ދެ ބުރަށް އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ކަނޑައެޅި 120 މިލިއަން ރުފިޔާގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމަށާއި ދަތުރުފަތުރާއި އެނޫން ވެސް ހުރިހާ ހަރަދެއް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ.

"މިހާރު ފޮނުވީމަ އަންނަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެ ހަރަދުތައް ހިމަނަން އެނގޭނީ. އެހެންވެ އެ ހަރަދުތަކުގެ ތެރޭގައި ހިމެނުމަށް އިންތިހާބުގެ ބަޖެޓް މިއަދު މިފޮނުވަނީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ފުރަތަމަ ހަފުތާގައި ކަމަށެވެ. އަދި ދެވަނަ ހަފުތާއަށް ވުރެ ލަހެއް ނުވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.