މާލެއިން ފުރައިގެން އއ. އުކުޅަހަށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ ޒުވާނާގެ ވަނަވަރު އެމްއެންޑީއެފުން މިއަދު ހާމަކޮށްފި އެވެ.

އެ ލޯންޗު ބުރާސްފަތި ދުވަހު މާލެއިން ފުރީ މެންދުރު ފަހު 1:30ގަ އެވެ. އޭގެ ފަހުން، އިއްޔެ އެ ލޯންޗު އއ. މާޅޮސް ކައިރިން ބަންޑުންޖަހާލާފައި އޮއްވާ ވަނީ ފެނިފަ އެވެ.

އެ ލޯންޗުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަމުން އަންނައިރު، ދެވަނަ މީހާ ވަނީ އއ. ފެރިދޫގެ ފުއްޓަރާ ދިމާލުން އިއްޔެ ފެނިފަ އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28، އެވެ. އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ލޯންޗުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މިންހާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބާ ކުރާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.