މެޗުގެ ފަހުކޮޅު އާލިން ބްރައުޓް ހާލާންޑް ޖެހި ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ބްރެޒިލް އަތުން 2-1 އިން މޮޅުވެ، ނޯވޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
އެމެރިކާގައި ރޭ ކުޅުނު މެޗުގެ ހާލާންޑް ދެ ލަނޑު ޖެހީ މެޗުގެ ފަހު 11 މިނިޓުގެ ތެރޭގަ އެވެ. މި ދެ ލަނޑާއެކު، ހާލާންޑް ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ޖުމްލަ ހަތް ލަނޑު ޖަހައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްއަށް ލިބުނު ޕެނަލްޓީއަކުން ނޭމާ ފަރަގު ކުޑަކުރި ނަމަވެސް، ބްރެޒިލްއަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.
ހާލާންޑް މެޗުގައި ދެ ލަނޑު ޖެހި ނަަމަވެސް، ނޯވޭ މޮޅުކޮށްދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު އޮރްޔާން ނައިލާންޑްގެ ދައުރު ވެސް ބޮޑެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީއެއް ނައިލާންޑް ވަނީ ދިފާއުކޮށްފަ އެވެ.
މިއީ ޔޫރަޕްގެ ޓީމެއް އަތުން ބަލިވެ، ބްރެޒިލް ވޯލްޑް ކަޕުން ޖެހިޖެހިގެން ކެޓި ހަ ވަނަ ފަހަރެވެ. އަދި މިއީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުނުކޮށް ބްރެޒިލް މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާއެކު، ބްރެޒިލްގެ ކޯޗު ކާލޯ އެންޗަލޮޓީގެ މުސްތަގްބަލާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ގަދަ 16ގެ ބުރުން ކެޓުމަކީ ބްރެޒިލްއަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑެވެ.
އަންހެން ތަރިންނަށް ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ: ކްރިތީ
ފެން ނުބޯނަމަ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް!