ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލާއެކު ރާއްޖޭގެ ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޭކުރެންދޫ ޖަލުގެ ވަށާފާރު ރާނަން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅުމަކީ ކުށްތަކަށް އަރައިގަންނަ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތްތަކަމަށެވެ.
އިމްރާން ވިދާޅުވީ އެޖަލު ގާއިމްކޮށް ނިމުމުން އިންޓަސްޓްރިއަލް މަސައްކަތްތައް ގައިދީންނަށް ދަސްކޮށްދޭނެ ކަމަށެވެ.
އަންނަ އަހަރުގެ ތެރޭގައި އެ ޖަލުގެ މުހިއްމު މަަސައްކަތްތަކެއް ކުރަން ފަށާނެކަމަށާއި މިހާރު އެ ޖަލުގެ ކޮންސެޕްޓާއި ޑިޒައިންގެ މަސައްކަތްތައް ނިންމާލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ވަށާފާރު ރޭނުމަށް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ހޯމް މިނިސްޓްރީން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ސޮލާހު ޝީދުއެވެ. އަދި ޔުނިކް ޗޮއިސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީއެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގައި ހިމެނެނީ ޖަލުގެ ވަށާ ފާރު ރޭނުމެވެ. މި އެއްބަސްވުމުގެ ދަށުން 250 ދުވަހުގެ ތެރޭގައި ޖަލުގެ އުތުރު ފަރާތުގައި 614 މީޓަރު ދިގު ހަ މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިރުމަތި ފަރާތުގައި 462 މީޓަރު ދިގު ހަ މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ.