ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އެގޮތަށް ކަނޑައެޅީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަށެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ 2013 ވަނަ އަހަރު އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މީގެކުރިން ކަނޑައަޅާފައި ވަނީ 348 މިލިއަން ރުފިޔާގެ ބަދަލެއް އެކުންފުންޏަށް ދިނުމަށެވެ. ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ. އަދި ހައިކޯޓުގެ ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މީގެކުރިން ވަނީ އެ ކުންފުންޏަށް ބަދަލުދޭން ހުކުމް ކޮށްފަ އެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ވެސް ބާތިލްކޮށް، ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން އަލުން އެ ކޯޓަށް ހުށަހެޅުމަށް އަމުރުކޮށްފަ އެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވާގޮތުން ނޯޓިސް ދިނުމަކާ ނުލައި، ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ނުލިބޭތީ ކަމަށް ބުނެއެވެ. ނަމަވެސް، ޓްރާންސްޕޯޓް ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ބޮޑު ސަރަހައްދެއްގައި ހިދުމަތް ލިބެމުން ދިޔަކަން އެނގޭ ކަމަށް އެ ރައުޔުގައިވެއެވެ.

ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔުގައި ވަނީ ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު، ފެރީގެ ހިދުމަތް މެދުކެނޑިފައި އޮތީ ބ. ފުޅަދޫ އާއި ފެހެންދޫގައި އެކަނި ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލެއް ނުކުރެވޭނެ ކަމަށް އެ ރައުޔުގައިވެ އެވެ.