ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މި މައްސަލައިގައި ފުލުހުން ހޯދަނީ ޏ. ފުވައްމުލައް. ދޫޑިގަން، ނިއުވެލީ، އިބްރާހިމް ޝާހީން 35، އެވެ.

އޭނާ ހޯދަނީ ލ. ގަން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވުމާއި ގުޅިގެން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ މި މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އޭނާ މިމަހުގެ 17 ވަނަ ދުވަހު ހާޒިރުވުމަށެވެ. އަދި އެ ދުވަހުގެ 2:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.