މާލެއިން ފުރައިގެން އއ. އުކުޅަހަށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

އެ ލޯންޗު ބުރާސްފަތި ދުވަހު މާލެއިން ފުރީ މެންދުރު ފަހު 1:30ގަ އެވެ. އޭގެ ފަހުން، މިދިޔަ ހޮނިހިރު ދުވަހު އެ ލޯންޗު އއ. މާޅޮސް ކައިރިން ބަންޑުންޖަހާލާފައި އޮއްވާ ވަނީ ފެނިފަ އެވެ.

އެ ލޯންޗުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަމުން އަންނައިރު، ދެވަނަ މީހާ ވަނީ އއ. ފެރިދޫގެ ފުއްޓަރާ ދިމާލުން މިދިޔަ ހޮނިހިރު ދުވަހު ފެނިފަ އެވެ. އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.

ގެއްލިފައި ވަނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28، އެވެ. އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިންހާޖު ހޯދުމަށް އެމްއެންޑީއެފުން ވަނީ ވައިގެ މަގުން 750 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. އަދި ކަނޑުމަތިން 270 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.