އިންތިހާބުތަކުގައި ވޯޓު ލިބޭ ނިސްބަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

މި ގޮތަށް ސަރުކާރަށް ލަފާ ދިނުމަށް ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމަށް 41 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އެއީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އަމަލު ކުރާ އުސޫލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓެވެ.

މެމްބަރު މޯޑު ހުށައެޅުއްވި މައްސަލައާއި ގުޅިގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓިއެއްގައި ރަޖިސްޓްރީވުމަށް ހުށައަޅަ ފޯމްތައް އީސީގެ ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެގޮތެއް ހަމަޖެއްސުމާއި، ޕާޓީތަކަށްވެސް އެޕޯޓަލްގެ އެކްސެސް ދީގެން ޕާޓީތަކަށް މީހުން ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުށައަޅާފަ އެވެ. އެކަމުގެ ސަބަބުން އެއްވެސް މީހަކު އެއް ޕާޓީއަށްވުރެ ގިނަ ޕާޓީގައި ރަޖިސްޓްރީވެފައި ނޯންނާނެކަން ކަށަވަރުކުރެވޭނެކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ.

ސައްހަ ނޫން ފޯމް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ މައިގަނޑު ސަބަބަކީ ދައުލަތުން ޕާޓީތަކަށް ފައިސާ ހަރަދުކުރަމުންދާތީކަމަށާއި، ދައުލަތުން ޕާޓީތަކަށް ފައިސާ ހަރަދުކުރުން ހުއްޓުވުމަކަށް ގެނެސްފިނަމަ އެކަން ހައްލު ކުރެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގެ މައްސަލަތަކަށް އޮތް ހައްލަކީ އިންތިހާބުގައި ވޯޓު ލިބޭ ޢަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ހަމަޖެއްސުންކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެ އެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އެކޮމިޝަނުން ވަނީ ފަށާފަ އެވެ. ޕާޓީތަކަށްދޭ ފައިސާގެ އުސޫލު އިސްލާހު ކުރަންޖެހޭ ކަމަށް ޕާޓީތަކުންވެސް ޤަބޫލުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަކަށް މިއަހަރު ވަނީ ފައިސާ ދޫކޮށްފައެވެ.