މާލޭގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އެކި ބާވަތްތަކުގެ ގޭސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް އިބްރާހީމް ރަޝީދު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އެކި ބާވަތްތަކުގެ ގޭސް ހުރި ކަމަށާއި އެކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލްކުރަން އުނދަގޫވި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅޭ ތަނެއްގަ އެވެ.

އަލިފާނުގެ ހާދިސާ ހިނގިތަނަށް ފަޔަމަނުންނަށް ދެވުނީ ރޭ 12:33 ހާއިރު ކަމަށާއި ފުރަތަމަ ވެސް މަސައްކަތްކުރީ އަލިފާން އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލިފާނުގެ ހާދިސާގައި ފިހިގެން މަރުވި މީހުންނަކީ އަންހެނުން ކަމެއް ނުވަތަ ފިރިހެނުން ކަމެއް ވަކިކުރަން އުނދަގޫވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ގަރާޖަކީ ޢާންމު ގޮތެއްގައި ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެއް. މިތަނުގައި އެބަހުރި ވަރަށް ބައިވަރު ގޭސް ސިލިންޑަރުތައް. އަދި ހަމަ އެއާއިއެކު ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ބިދޭސީން ކައްކަން ކޮންމެ އެނދެއް ކައިރި ކަހަލަ ގޮތަކަށް އެބަހުރި ގޭސް ފުޅިތައް. އެމީހުން ދިރިއުޅެމުން އައީ ކުދި ކުދި ބިސީތަކެއް ގޮތަށް. ވަރަށް ތޮއްޖެހިފަ ހުންނަ ގޮތަށް މިތަން އިމާރާތްކޮށްފަ މިހުރީ،" ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އިތުރު މީހުން ތިބިކަން ނުވަތަ ނޫންކަން އަދިވެސް ކަށަވަރު ނުވާ ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ މިހާތަނަށް އައިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދިފައިނުވާ ކަމަށެވެ. އަދި އެ ތަނަކީ ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާ ރައްޔިތުން އުޅޭ ތަނެއް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން އޭރު ވެސް މީހުން ނެރުނެވެ. ނަމަވެސް ރޯވި ގޭގައި ގިނަ އަދަދަކަށް ބިދޭސީން ތިބުމުން އެ މީހުންނާ މުއާމަލާތުކުުރުމަށާއި އެ މީހުން ދެނެގަތުމަށް އިދާރާތަކަށް ދަތިތަކެއް ކުރިމަތިވި އެވެ.

ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ މިއިމާރާތުގެ ކޮޓަރިތަކުގައި ހުރީ އެންމެ ވެންޓިލޭޓަރެއް ކަމަށެވެ. އަދި އަލިފާން ހިފާފަދަ ޒާތުގެ ތަކެތި އިމާރާތްތަކުގެ އެތެރޭގައި ބަހައްޓަން ވާނީ ރަނގަޅަށް ހިމާޔަތްކުރެވި، ވެންޓިލޭޓްކުރެވިފައިވާ ތަންތަނުގައިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.